ތަޢާރަފު


ބ. ދަރަވަންދޫ ހިއުމަން ރިސޯސަސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ


ތަޢާރަފް
1
އެޗް އާރ އެމް ޑީ ކޮމިޓީގެ (އެޗް އާރް ކޮމިޓީ) މަޤުސަދަކީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމަށާއި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް، ޒަމާނީ ސިވިލް ސަރވިސްއެއް ޤާއިމުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށާއި ޒިންމާދާރުވެރިންނަށް އެހީތެރިވެދިނުމެވެ.  މިކޮމިޓީ ޤާއިމުކުރެވިފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައެވެ.
މަޤުސަދު
2
(ހ)
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ރަށު ފެންވަރުގައި ތަންފީޒު ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
(ށ)
ދިވެހި ސިވިލް ސަރވިސްއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުކޮށް ޒަމާނީ ކުރުމަށް ކޮމިޝަނުންކުރާ މަސައްކަތުގައި އެހީތެރިވުން
ކޮމިޓީއަށް ލިބިގެންވާ ބާރުތައް
3
(ހ)
އެޗް އާރް ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ ދާއިރާއެއްގެ ސިއްރު ރިކޯޑްތަކާއި ލިޔެކިޔުންތައް ބެލުން.
(ށ)
އެޗް އާރް ކޮމިޓީއަށް ހުށަހަޅާ މައްސަލަތަކާއި ގުޅޭގޮތުން ދިރާސާކޮށް ތަޖުރިބާކާރުންގެ އެހީ ހޯދުން.
(ނ)
މެންބަރުން ނޫން ފަރާތްތަކަށް އެޗް އާރް ކޮމިޓީގެ މީޓީންގ ތަކުގައި ބައިވެރިވެވޭނީ ކޮމިޓީ މެންބަރުން އެކަމަށް އިޢުތިރާޒުނުކުރާނަމައެވެ.  ނަމަވެސް އެޗް އާރް ކޮމިޓީގައި ވޯޓް ނެގޭ އެއްވެސް ކަމެއްގައި އެފަދައިން ބައިވެރިވާ ފަރާތްތަކަށް ވޯޓެއްނުލެވޭނެއެވެ.
ކޮމިޓީ އުފެއްދުމާއި އެކުލެވިގެންވާ ގޮތް
4
އެޗް އާރް ކޮމިޓީގައި ހިމެނޭނީ މިރަށުގައި ހުރި ސިވިލް ސަރވިސްގެ މުވައްޒިފުން މަސައްކަތްކުރާ އިދާރާތަކުގެ ޒިންމާދާރުވެރިންނާއި ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރާ ކޮންމެ އިދާރާއަކުން ޒިންމާދާރުވެރިޔާ ހިމެނޭގޮތަށް ކަނޑައަޅާ މަދުވެގެން 2 މުވައްޒަފުންނެވެ.  މިގޮތުން އިދާރާތަކަށް ހަމަޖެހިފައިވާ އަދަދުތައް ތިރީގައި އެވަނީއެވެ.  މެންބަރުންގެ އަދަދަށް ބަދަލުގެންނަން ބޭނުންވެއްޖެނަމަ ހިނގަމުންދާ ކޮމިޓީގައި މަޝްވަރާކުރެވި އަދަދުތަކަށް ބަދަލު ގެނެވިދާނެއެވެ.  އެޗް އާރް ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަދަދު އޮނަހިރި އަދަދަކަށް ވާންވާނެއެވެ.
(ހ)
ދަރަވަންދޫ ކައުންސިލްގެ އިދާރާ
3
(ށ)
ބ. އަތޮޅު މަދަރުސާ
2
(ނ)
ދަރަވަންދޫ ޞިއްޙީ މަރުކަޒު
2
ކޮމިޓީގައި ކައުންސިލްގެ މެންބަރަކު ބައިވެރިކުރުން
5
އެޗް އާރް ކޮމިޓީގައި އޮބްޒާވަރެއްގެ ގޮތުން ކައުންސިލުން ކަނޑައަޅާ، ކައުންސިލްގެ މެންބަރަކު ބައިވެރިވެވިދާނެއެވެ.  މިގޮތުން ބައިވެރިވާ ފަރާތްތަކަށް ކަންކަމުގައި މަޝްވަރާދީ، ކަންތައްތަކާ ސުވާލުކުރެވިދާނެއެވެ. ނަމަވެސް، އެފަރާތްތަކަށް އެޗް އާރް ކޮމިޓީގެ ނިންމުންތަކުގައި ވޯޓްދީ ނުހެދޭނެއެވެ.
މަސްލަޙަތު ފުށުއެރުން
6
އެޗް އާރް ކޮމިޓީގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ ނުވަތަ އެމީހެއްގެ ޝަރުޢީ އަދި ޤާނޫނީ ބަދަލުވެރިކަން އޮތް ކޮންމެ މީހެއްގެ މަސްލަޙަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއް އޮތް ކަމަކާމެދު އެޗް އާރް ކޮމިޓީގައި މަޝްވަރާކުރާނަމަ، އެފަދަ މެންބަރަކު އެބައްދަލުވުމެއްގައި ބައިވެރިވެގެން ނުވާނެއެވެ.
ކޮމިޓީގެ އިދާރީ މަސައްކަތް
7
އެޗް އާރް ކޮމިޓީގެ އިދާރީ މަސައްކަތް ބަލަހައްޓާނީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާގެ ބެލުމުގެ ދަށުން ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.
ކޮމިޓީގެ މެންބަރުން ބައްދަލުވުންތަކަށް ހާޒިރުވުން
8
އެޗް އާރް ކޮމިޓީގެ މެންބަރުން، ކޮމިޓީގެ ބައްދަލުވުންތަކަށް ޙާޒިރުވެ ކޮމިޓީގެ މަސައްކަތުގައި ބައިވެރިވާން ވާނެއެވެ.  އެއްވެސް ސަބަބަކާހެދި ބައްދަލުވުމަށް ޙާޒިރު ނުވެވޭނަމަ ބައްދަލުވުން ފެށުމުގެ 2 ގަޑިއިރު ކުރިން އެކަން ކޮމިޓީގެ ޗެއަރޕަރސަންއަށް އަންގަންވާނެއެވެ.  މަޤުބޫލު ސަބަބެއް ނެތި ވިދިވިދިގެން 3 (ތިނެއް) ބައްދަލުވުމަށް ޙާޒިރުނުވާ މެންބަރުން އެޗް އާރް ކޮމިޓީއިން ވަކިކުރެވޭނެއެވެ.  އެފަދައިން މެންބަރުކު ވަކިކުރެވިއްޖެނަމަ އެކަން އެމުވައްޒަފާމެދު ދިވެހި ސިވިލް ސަރވިސް ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. 
ކޮމިޓީގެ ޗެއަރޕަރސަން
9
(ހ)
އެޗް އާރް ކޮމިޓީގެ ޗެއަރޕާރސަންއަކީ ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާއެވެ.
(ށ)
ޗެއަރޕަރސަން ޗުއްޓީގައި ހުރުން ފަދަ ސަބަބަކާހުރެ އެޗް އާރް ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރި ނުވެވޭ ހާލަތެއްގައި، ބައްދަލުވުމެއް ބާއްވަން ކޮންމެހެން ބޭނުންވެއްޖެނަމަ، ބަދަލުގައި އެޗް އާރް ކޮމިޓީގައި ހިމެނޭ އިސްމުވައްޒަފު ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަންވާނެއެވެ.
ކޮމެޓީގެ ކޯރަމް
10
އެޗް އާރް ކޮމިޓީގެ ބައްދަލުވުމުގެ ކޯރަމް ހަމަވާނީ އެޗް އާރް ކޮމިޓީގެ މެންބަރުންގެ ތެރެއިން ދެބައިކޮށްފަ އެއްބަޔަށް ވުރެ ގިނަ މީހުން ޙާޟިރު ވެގެންނެވެ.
ކޮމިޓީގެ މަސައްކަތްތައް
11
(ހ)
ދާއިރާގެ އޮފީސްތަކުގެ މަސައްކަތްތައް ތަންފީޒުކުރުމަށް އެންމެ އެކަށޭނަ އޮނިގަނޑުތައް އެކުލަވާލުން
(ށ)
ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމާއި ހަމަޖެއްސުމުގައި މިގަވައިދުގައިވާ ގޮތުގެ މަތިން އެހީތެރިވުން
(ނ)
ގަވާއިދާ އެއްގޮތަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން
(ރ)
ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ހަލުވިކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިކަމަށް ބޭނުންވާ ގަވާއިދުތަކާއި އުޞޫލުތައް ތަޢާރަފުކޮށް، ތަންފީޒުކުރުމަށް ޒިންމާދާރުވެރިޔާއަށް އެހީތެރިވެދިނުން
(ބ)
އޮފީހުގެ މާހައުލަކީ މަސައްކަތަށް ފަހި މާހައުލަކަށް ހެދުމާއި މުވައްޒަފުން އުޅޭ ހިތްވާ، އެކަކު އަނެކަކުގެ އިހްސާސްތައް ދަނެ، އެކަކު އަނެކަކަށް އަޅާލާ ތަނަކަށް ހެދުމަށް މަސައްކަތްކުރުން
(ޅ)
މަސައްކަތުގެ ފެންވަރުބެލުމާއި، މުވައްޒަފުންނަށް ޢިނާޔަތް ދިނުމާއި ކުރިއެރުން ދިނުމުގައި ދާއިރާގެ ޒިންމާދާރުވެރިޔާއަށް ލާފާދީ އެހީތެރިވެ ދިނުން
(ކ)
ދާއިރާގައި ހިމެނޭ އޮފީސްތަކުގެ ކޮންޕަލަޔަންސް އޮޑިޓާއި، މެނޭޖްމަންޓް އޮޑިޓް ހެދުމަށް ކޮމިޝަނަށް އެހީތެރިވެދިނުން އަދި އޮޑިޓް ރިޕޯޓްގައި ރަނގަޅުކުރުމަށް ހުށަހަޅާ ކަންތައްތައް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދާއިރާއެއްގެ ޒިންމާދާރުވެރިޔާއަށް އެހީތެރިވެ ދިނުން
(އ)
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ ގޮތުން ކުރެވޭ ތަޙްޤީޤުތަކުގައި އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިކަން ދިނުން
(ވ)
ސިވިލް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އެޗް އާރް ކޮމިޓީތަކަށޤ ފާހަގަކުރެވޭ ކަންތައްތަކަށް ސިޔާސަތު ކަރުދާސް ތައްޔާރުކޮށް، ދާއިރާގެ ޒިންމާދާރުވެރިޔާ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުން
ވަކިވަކި ޕެނަލްތައް ޤާއިމުކުރުން
12
އެޗް އާރް ކޮމިޓީގެ މެންބަރުން ހިމެނޭގޮތަށް ތިރީގައި މިދަންނަވާ ޕެނަލްތައް ކޮންމެ ދާއިރާއެއްގައިވެސް ޤާއިމުކޮށް ކޮންމެ ޕެނަލްއަކަށް ކޯޑިނޭޓަރަކު ކަނޑައަޅަންވާނެއެވެ.  އަދި އެޕެނަލްތަކުގެ މަސައްކަތްތައް އެޗް އާރް ކޮމިޓީގެ އަތް މަތީފޮތުގައި ބަޔާންކުރަންވާނެއެވެ.
(ހ)
ޓްރެއިނިންގ ޕެނަލް:  މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެނެގަތުމާއި އެޗް އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށް ދިނުމަށް ދިރާސާކުރުމާއި އަދި ތަމްރީނު ދިނުމުގައި ކޮމިޝަނާއި ގުޅިގެން މަސައްކަތްކުރުން
(ށ)
ޕަރސެނަލް ޕެނަލް: މުވައްޒަފުންގެ ވަޒީފާއާގުޅޭ ލިޔެކިއުންތަކާއި، ރެކޯޑް ބަލަހައްޓަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ޚާއްޞަކޮށް ވަޒީފާގައި ދިމާވާ މައްސަލަތައް ބަލައި ދިރާސާކޮށް، އެޗް އާރް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ކޮމިޝަނާއި ގުޅިގެން މަސައްކަތްކުރުން
(ނ)
ކޮމްޕްލަޔަންސް ޕެނަލް:  ދާއިރާގެ ކޮމްޕްލަޔަންސް އޮޑިޓާއި މެނޭޖްމަންޓް އޮޑިޓް ހެދުމަށް ބޭނުންވާ ލަފާ އެޗް އާރް ކޮމިޓީއަށް ދިނުމާއި، ދާއިރާއާއި ދާއިރާއިން ބޭރުގެ މެނޭޖްމަންޓް އޮޑިޓް ހެދުމުގައި ދިރާސާކޮށް ކޮމިޓީއަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ކޮމިޝަނާއި ގުޅިގެން ކޮމްޕްލަޔަންސް މަސައްކަތްކުރުން



x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ