» , » ސަރކިއުލަރ 09-2013

ސަރކިއުލަރ 09-2013



ސިވިލް ސަރވިސްގެ މުވައްޒަފެއްގެ މަގާމުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން


މިހާރަކަށް އައިސް ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އޮފީސްތަކުގެ މަސައްކަތް ހުއްޓުވައިލައި، އެކިއެކި ފަރާތްތަކުން އެތަންތަން ބަންދުކުރުމުގެ ސަބަބުން، ދިވެހި ސިވިލް ސަރވިސް މެދުވެރިކޮށް، ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ފޯރުވައިދިނުމަށް ދަތިތަކަކާއި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ. އަދި މިގޮތަށް ކަންތައްތައް ހިނގުމުގެ ސަބަބުން، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވާޖިބުތައް އަދާނުކުރެވުމާއި އެ މުވައްޒަފުންގެ ހައްޤުތައް ނިގުޅައިގަނެވި، ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަންވެސް ފާހަގަ ކުރަމެވެ.
ޤާނޫނު ނަންބަރު 66/1 (ޤާނޫނުލްޢުޤޫބާތު ޗެޕްޓަރ 3) ގެ 86 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބު އަދާކުޅައުމަށް ގަސްދުގައި ހުރަސްއަޅައިފި ކޮންމެ މީހަކު ކުށްވެރިވާނެ ކަމާއި، އެ މީހަކަށް ކަނޑައެޅިފައިވާ އަދަބު ބަޔާންކުރެވިފައި ވެއެވެ. އަދި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގައި، މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތްކޮށް އެ ޙައްޤުތަކަށް ރައްކާތެރިވާ އަސާސީ ސިފަ ގާއިމުކުރެވިފައިވާ ނިޒާމެއް، ދިވެހި ސިވިލް ސަރވިސްގައި އެކުލެވެންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ކަންމިހެން އޮތުމާއެކު، މި ހިނދުގައިވެސް، މުވައްޒަފުންގެ ވާޖިބު އަދާކުރުމަށް ދަތިކޮށް، ބަންދުކޮށްފައިވާ އެންމެހައި އިދާރާތަކުގައި، އެ ހުރަހެއް ކުރިމަތި ކުރި ފަރާތަކުން އެ ހުރަހެއް ނައްތާލައި، މުވައްޒަފުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރުމަށް ދެންނެވީމެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތް ހުއްޓުވައިލައި، އެތަންތަން ބަންދުކޮށް، ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޤާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު، ދައުލަތުގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް، ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހިދާނެ ކަން ޢާއްމުކޮށް އެންގީމެވެ.

އެޓޭޗް ކުރެވިފައިވާ ފައިލް ޑައުންލޯޑް ކުރައްވާ
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ