» , » ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ދަރަވަންދޫއަށް ޒިޔާރަތްކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ދަރަވަންދޫއަށް ޒިޔާރަތްކުރައްވައިފި



ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް އަލްފާޟިލް އަޙުމަދު ޙަސަން ދީދީ، ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި 2013 ޑިސެމްބަރ 15 ވީ އާދީއްތަދުވަހު ދަރަވަންދުއަށް ޒިޔާރަތްކުރައްވައިފިއެވެ.

ކޮމިޝަންގެ ނައިބު ރައީސްގެ މިދަތުރުފުޅުގައި ދަރަވަންދޫގެ އެކިއެކި މުވައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވަންޓުންނާ ބައްދަލުކުރެއްވިއެވެ.  އާދީއްތަދުވަހުގެ ރޭ 08:45 ގައި ބ. އަތޮޅު މަދަރުސާގައި ބޭއްވުނު ބައްދަލުވުމުގައި ސިވިލް ސަރވަންޓުންގެ އިތުރުން ކައުންސިލްގެ މެންބަރުންވެސް ބައިވެރިވެލެއްވިއެވެ.   ބައްދަލުވުން ތަޢާރަފުކުރުމުގެ ގޮތުން ވާހަކަދެއްކެވީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ނަޒީފެވެ.  މިފަދަ ފުރުސަތެއް ލިބުމުން ހުރިހާ މުވައްޒަފުންވެސް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމަށް ބޭނުންފުޅުވާ ކަންކަން ކޮމިޝަންގެ ނައިބު ރައީސްއާއި ހިއްސާކޮށްދެއްވުމަށް މުޙައްމަދު ނަޒީފު އެދިލެއްވިއެވެ.

ކޮމިޝަންގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ފަންނީ ބައެއް ކަމަށާއި ދައުލަތުގެ ބާރުތައް ބެހިފައިވާގޮތުން ސިވިލް ސަރވިސްއަކީ ދައުލަތުގެ އެއްބައިކަމަށް ދެންނެވިއެވެ.  މުވައްޒަފުންގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާކަމަށާއި ނަމަވެސް ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން ތަމްރީނުތައް ހިންގުމަށް ބޮޑެތި ގޮންޖެހުން ހުރިކަމަށް ދެންނެވިއެވެ.  ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ޓްރޭނިންގ ޑައިރެކްޓްރީ 2014 ގައި ހިމެނިފައިވާ ޓްރޭނިންގ ޕްރޮގްރާމުތަކުގައި ވީހާވެސް ގިނަ މުވައްޒަފުން ބައިވެރިވުމަށް އެދި ލައްވާކަމަށް ނައިބު ރައީސް ދެންނެވިއެވެ.  ސިޔާސީ އެކި އެކި ޕޯޑިއަމްތަކުގައި ސިވިލް ސަރވަންޓުން ވާހަކަނުދެއްކެވުން އެދި ވަޑައިގަންނަވާކަމަށް ދެންނެވިއެވެ.

ބައްދަލުވުމުގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ކޮމިޝަންގެ ނައިބު ރައީސް ޖަވާބުދެއްވިއެވެ.  ބައްދަލުވުން ނިމުނީ 10:15 ގައެވެ.  ބައްދަލުވުމަށްފަހު ވަކިވަކިން ބައްދަލުކޮށްލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ކޮމިޝަންގެ ނައިބު ރައީސް ފުރުސަތު ދެއްވިއެވެ.
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ