» , » މާއްދާ 162: އަހަރީ ޗުއްޓީ

މާއްދާ 162: އަހަރީ ޗުއްޓީ

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 186 ވަނަ މާއްދާގައިވާގޮތުގެ މަތިން ތިރީގައި މިދަންނަވާގޮތަށެވެ. 
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 162 ވަނަ މާއްދާ:

(ހ)
1 މެއި 1984 ގެ ކުރީން ސަރުކާރުގެ ވަޒީފާ ލިބިފައި ތިބި މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ މެއި 1 އިން އޭޕްރިލް 30 ގެ ނިޔަލަށެވެ. 1 މެއި 1984 ގެ ފަހުން ސަރުކާރުގެ ވަޒީފާ ލިބުނު މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމަށް އަހަރު ބަލާނީ އެމުވައްޒަފަކަށް ވަޒީފާ ލިބުނު ތާރީޚަކުން (އަހަރުގެ އެ ދުވަހަކުން) ފެށިގެންނެވެ.  ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންނަށް މި ޤަވާޢިދުގައިވާ ގޮތުގެ މަތީން އަހަރީ ޗުއްޓީ ލިބޭނެއެވެ.
(ށ)
ވަޒީފާ އަދާކުރާތާ އަހަރުވުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް 30 (ތިރީސް) ދުވަހުގެ ޗުއްޓީއެއް އަހަރީ ޗުއްޓީގެ ގޮތުގައި ދޭންވާނެއެވެ. މިދުވަސްތައް ގުނާނީ މި ގަވާއިދުގެ 160 ވަނަ މާއްދާގައިވާ ބަންދުދުވަސް ނުހިމަނައެވެ.
(ނ)
މުވައްޒަފަކު އަހަރީ ޗުއްޓީގައި ވަނިކޮށް، އެ މުވައްޒަފަކު އާދައިގެ ގޮތުން މަސައްމަތް ކުރަންޖެހޭ ދުވަހެއް އެއީ ރަސްމީ ބަންދު ދުވަހަކަށް ވެއްޖެނަމަ، އެ ދުވަހަކަށް ދުވަހެއް އެ މުވައްޒަފުގެ އަހަރީ ޗުއްޓީއަށް އިތުރުކޮށްދޭން ވާނެއެވެ.
(ރ)
އަހަރީ ޗުއްޓީގައި މުވައްޒަފަކު ހުއްޓާ އެ މުވައްޒަފަކު ލައްވާ އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެއެވެ. އަދި އެފަދައިން މަސައްކަތްކުރުމަށް ހުއްދަކޮށްގެންވެސް ނުވާނެއެވެ.
(ބ)
ކޮންމެ މުވައްޒަފަކަށްވެސް އަހަރީ ޗުއްޓީ ޙައްޤުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެއޮފީހަކުން ކަނޑައަޅާ ގޮތެއްގެ މަތިން ޗުއްޓީ ފެށިދާނެއެވެ.
(ޅ)
ކޮންމެ އޮފީހެއްގައި ވެސް، މުވައްޒަފުންގެ ކަންތަކާ ހަވާލުވެ ހުންނަ ވެރިޔާ، ކޮންމެ މީލާދީ އަހަރެއް ފެށުމާއެކު، މުވައްޒަފުންނާ މަޝްވަރާކޮށް، ތަނުގެ މަސައްކަތަށް ދަތިނުވާނޭހެން، ޗުއްޓީނަގާ މުވައްޒަފުންގެ މަސައްކަތަށް ބަދަލު އިންތިޒާމު ހަމަޖެއްސޭނެގޮތް ރާވައި، އެ އިންތިޒާމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލެއް ހަދައި މުވައްޒަފުންނަށް އަންގަންވާނެއެވެ.
(ކ)
މުވައްޒަފަކު އަހަރީ ޗުއްޓީ ފެށުމަށްފަހު، ޗުއްޓީގެ މުއްދަތު ހަމަނުވަނީސް މަސައްކަތަށް ނެރެގެން ނުވާނެއެވެ.
(އ)
މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީ ނުނަގައިފިނަމަ، އެ ޗުއްޓީ ކެންސަލްވާނެއެވެ.  އަދި މިފަދައިން ކެންސަލްވާ ޗުއްޓީގެ ދުވަސްތަކަށް ބަދަލުގައި ފައިސާއެއް ނުދެވޭނެއެވެ.
(ވ)
މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އެ މުވައްޒަފަކަށް ޙައްޤުވާ އަހަރީ ޗުއްޓީ ބޭނުންނުކޮށް އޮތްނަމަ، އެ ޗުއްޓީގެ ބަދަލުގައި މުސާރައިން ދުވަހަކަށް ޖެހޭ މިންވަރުން އެ ދުވަސްތަކަށް ފައިދާ ދެވޭނެއެވެ.  ކެންސަލްވެފައިވާ އެއްވެސް ޗުއްޓީ ދުވަހަކަށް ފައިސާއެއް ނުދެވޭނެއެވެ.
(މ)
މުވައްޒަކަށް ލިބޭ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނޭ ގޮތުގެ މަތިން، އޭނާ އެނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިން ދޭންޖެހޭ ފައިސާގެ އަދަދު އެ މުވައްޒަފަކަށް ދޭންވާނެއެވެ.
(ފ)
އަހަރީ ޗުއްޓީއަށް އެދޭނީ މި ގަވާއިދުގައިވާ ކަންތައްތައް ފުރިހަމަވާގޮތަށް މުވައްޒަފު މަސައްކަތްކުރާ އޮފީހުން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިންނެވެ.
(ދ)
މުވައްޒަފަށް ޗުއްޓީ ދޭނީ މި ގަވާއިދުގެ ޖަދުވަލު 17 ގައިވާ "ޗުއްޓިގެ ހުއްދަ" ޗިޓުންނެވެ.
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ