މާއްދާ 171: ސަލާމުގެ ޗުއްޓީ
ސިވިލް
ސަރވިސްގެ މުވައްޒަފުންނަށް ސަލާމުގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ
މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 171 ވަނަ މާއްދާގައިވާގޮތުގެ
މަތިންނެވެ. ސަލާމުގެ ޗުއްޓީއަށް މުވައްޒަފު
އެދެންވާނީ އަދި ސަލާމުގެ ޗުއްޓީ އާއި ގުޅިގެން ޢަމަލުކުރަންވާނީ އަންނަނިވި
ގޮތުގެ މަތިންނެވެ.
ދިވެހި
ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 171 ވަނަ މާއްދާ:
(ހ)
|
އެ މުވައްޒަފަށް
ކަނޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިޔަށް، ބަލިވުމުގެ ސަބަބުން ނުކުތުމަށް
އުޒުރުވެރިވެއްޖެނަމަ، އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ
ލަސްވެގެން 1 (އެކެއް) ގަޑި އިރުގެ ތެރޭގައި އެމީހެއްގެ ސުޕަވައިޒަރަށް ނުވަތަ
އެ އޮފީހަކަން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން އޮފީހަށް އެކަން
އެންގުމާއެކު އެދުވަހު އެ މުވައްޒަފާ ޙަވާލުކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ
މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމުން، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދެވިދާނެއެވެ. މިގޮތުން 1 (އެކެއް) ގަޑިއިރު ތެރޭގައި
އޮފީހަށް ނާންގާ ސަލާމުގެ ޗުއްޓީ ހަމަނުޖައްސައިފިނަމަ، އެދުވަހެއް ބެލެވޭނީ
ޣައިރު ހާޒިރީއަކަށެވެ.
|
(ށ)
|
މުވައްޒަފަކީ ވަކި
ޚާއްޞަ މަސައްކަތެއް ހަވާލުވެފައިވާ މީހެއް ނަމަ، އެ މީހެއްގެ މަސައްކަތް އެހެން
މީހަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެ މީހެއްގެ ސުޕަވައިޒަރަށް
ނުވަތަ އެ އޮފީހަކަން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން އަންގަން
ވާނެއެވެ. އަދި އަންގާއިރު، އެ މީހަކާ
ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި ހިންގުމަށް އޮފީހުން އިންތިޒާމުތައް
ކުރުމަށް ބޭނުންވާ މަޢުލޫމާތު ދީ، އެ ކަމުގައި ފުރިހަމަ އެއްބާރުލުން
ދޭންވާނެއެވެ. ބުނެވުނު ފަދައިން،
ވަގުތު އޮއްވައި ނޭންގޭ ފަދަ، ޞިއްޙީ ގޮތުން ޖިސްމާނީ ނުކުޅެދުންތެރި ކަމެއް
މެދުވެރިވުން ކަހަލަ ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ، އެންގޭ ފަދަ
ހާލަތަކަށް އެ މީހަކު އައިހާ އަވަހަކަށް، ސަލާމުގެ ކަންތައް
ހަމަޖެއްސުމަށްޓަކައި، އެ މީހަކު އެކަން އޮފީހަށް އަންގަންވާނެއެވެ.
|
(ނ)
|
އަރިދަފުސް ރޯގާއެއް
ޖެހުން ފަދަ ހާލަތެއް މެދުވެރިވެގެން ނާންގައި ހުންނަ ހުރުމެއް އެ ފަދަ ހާލަތެއް
ކަމަކަށް ނުބެލެވޭނެއެވެ. އެ ގޮތަށް
އަމަލު ނުކުރާ މުވައްޒަފުންގެ އެ އަމަލަކީ ވަޒީފާގެ ޒިންމާއަށް އިހުމާލު ވީ
ކަމަށް ބެލުމުގެ އިޚުތިޔރު އޮފީހަށް ލިބިގެންވެއެވެ.
|
(ރ)
|
މުވައްޒަފަކު،
ސަލާމުގެ ޗުއްޓީ ނަގަންވާނީ ހަމައެކަނި އެމުވައްޒަފަކު ބަލިވެގެން މަސައްކަތަށް
ހާޒިރު ނުވެވޭވަރު ވެއްޖެ ނަމައެވެ.
ބަލިނުވެ، ޗުއްޓީއެއްގެ ބޭނުމުގައި ސަލާން ބުނުމަކީ މުވައްޒަފަށް
ލިބެގެންވާ ޙައްޤެއް ނޫނެވެ. ވުމާއެކު،
އެ މީހަކު ބަލިނުވެ، ޗުއްޓީއެއްގެ ގޮތުގައި، ސަލާމުގެ ޗުއްޓީ ހަމަޖައްސައެއް
ނުދެވޭނެއެވެ. އަދި އެ ގޮތަށް ނާންނަ
ނައުން ވާނީ ޣައިރު ހާޒިރީއަކަށެވެ.
|
(ބ)
|
މި މާއްދާގެ (ހ)
ގައިވާގޮތުގެ މަތިން މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ ފުރަތަމަ ދެ ދުވަހު،
އެކަން އަންގަންވާނެއެވެ.
|
(ޅ)
|
މުވައްޒަފަކު ޚިދުމަތްކުރާ
ކޮންމެ އަހަރަކަށް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލބޭގޮތަށް ދެވޭނީ،
ގިނަވެގެން، 30 (ތިރީސް) ދުވަހެވެ.
|
(ކ)
|
ސަލާމުގެ ޗުއްޓީގައި ހުއްޓާ
މަހުގެ މުސާރަދޭ ދުވަސް އަތުވެއްޖެނަމަ، މުސާރަދޭ ދުވަހު ސެޓްފިކެޓް
ހުށަހެޅުމުން މެނުވީ، އެ މަހުގެ މުސާރަ ދޭންވާނީ ސަލާމުގައި ހުރި ދުވަސްތަކަށް
މުސާރަ އާއި ޢިނާޔަތް އުނިކުރުމަށް ފަހުގައެވެ.
އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހު ސަލާމުގެ ސެޓްފިކެޓް ހުށަހަޅައިފިނަމަ
ސަލާމުގެ މުއްދަތަށް ކެނޑި މުސާރައާއި ޢިނާޔަތަށްވާ އަދަދު ޖެހިގެން އަންނަ
މަހުގެ މުސާރައާއެކު ދޭންވާނެއެވެ.
|
(އ)
|
ސަލާމުގެ ޗުއްޓީ ދިނުމުގައި
އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ. ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު
ނުވިކަމުގައި ވިޔަސް، ސަލާމުގެ ޗުއްޓީ ދެވިދޭނެއެވެ.
|
(ވ)
|
މުވައްޒަފެއް ސެޓްފިކެޓް ހުށަހަޅަންނުޖެހޭ
ގޮތަށް ސަލާމުގެ ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް ނުކުންނަ ދުވަހު އެ
މުވައްޒަފު ސަލާމުގެ ޗުއްޓިގައި ހުރި ސަބަބު ބަޔާންކޮށް ލިޔުމުން
ހުށަހަޅަންވާނެއެވެ. އަދި މި ލިޔުން
މުވައްޒަފުގެ ފަރސަނަލް ފައިލުގައި ފައިލުކޮށް ބަލަހައްޓަންވާނެއެވެ.
|
(މ)
|
މުވައްޒަފު އޮފީހަށް
ހާޒިރުވުމަށްފަހު ބަލިވެގެން މަސައްކަތް ކުރުމަށް އުޒުރުވެރިވެފައި، އަދި
އެދުވަހުގެ މަސައްކަތުގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ،
އެދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި
ދޫކޮށްލެވިދާނެއެވެ. އަދި މުވައްޒަފު
އެދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައިވާނަމަ، އެ
ދުވަހަކީ ސަލާމުގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި، ސަލާމުގެ ޗުއްޓީ
ހަމަޖައްސިދޭން ވާނެއެވެ.
|