» , » މާއްދާ 170: ޢާއިލީ ޒިންމާގެ ޗުއްޓީ

މާއްދާ 170: ޢާއިލީ ޒިންމާގެ ޗުއްޓީ

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޢާއިލީ ޒިންމާގެ ޗުއްޓީ ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާއާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 170 ވަނަ މާއްދާ ގައި ވާގޮތުގެ މަތިންނެވެ.
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 170 ވަނަ މާއްދާ:

(ހ)
ވަޒީފާއާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޢާއިލާގެ މެމްބަރަކު 
ބަލިވުން ފަދަ،  މުއައްޒިފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން، މުސާރަ ލިބޭގޮތަށް ބަންދު ދުވަސްތައް ނުހިމަނައި، ގިނަވެގެން 10 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެއް އަހަރު ދަވުހުގެ ތެރޭގައި ދެވިދާނެއެވެ. މިޗުއްޓީ ދޭންވާނީ ޢާއިލާގެ މެމްބަރަކު ބަލިވުމާއި ގުޅިގެން މުވައްޒަފު އެދިއްޖެ ހިނދެއްގައެވެ.  ޢާއިލާގެ  މެމްބަރަކު ބަލިވުންފިޔަވައި  އެހެން އެއްވެސް  ޒިންމާއަކާ ގުޅުވައި ޢާއިލީ ޒިންމާގެ ޗުއްޓީ މުވައްޒަފަށް ދީގެންނުވާނެއެވެ.  ޢާއިލާގެ މެމްބަރުންކަމުގައި ބަލާނީ އަނބިމީހާ، ފިރިމީހާ،  ދަރިން، މަންމަ، ބައްޕަ  އަދި ޝަރުޢީ  އަދި ޤާނޫނީ ގޮތުން އެމީހެއްގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކެވެ.
(ށ)
ޢާއިލީ ޒިނަމާގެ ޗުއްޓީ ދިނުމުގައި އަހަރު ބަލާނީ، އަހަރީ ޗުއްޓީ ދިނުމުގައި އަހަރު ބަލާ އުސޫލުންނެވެ.  ނަމަވެސް ވަޒީފާ އަދާކުރާތާ އަހަރު ނުވިކަމުގައި ވިޔަސް  މިޗުއްޓީ ދެވިދާނެއެވެ.
(ނ)
ޢާއިލީ ޒިނަމާގެ ޗުއްޓީ އަށް މުވައްޒަފު އެދެންވާނީ، އަދި ޢާއިލީ ޒިންމާގެ ޗުއްޓީއާ ގުޅިގެން އަލުކުރަންވާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

1
އެ މުވައްޒަފަކަށް ކަޑައެޅިފައިވާ ރަސްމީ މަސައްކަތު ގަޑިއަށް، ޢާއިލާގެ މެމްބަރަކު ބަލިވުންފަދަ މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެއްޖެއްނަމަ އެ މުވައްޒަފެއްގެ ރަސްމީ މަސައްކަތު ގަޑި ފެށޭތާ ލަސްވެގެން 1 (އެކެއް) ގަޑިއިރުގެ ތެރޭގައި އެމުވައްޒަފެއްގެ ސްޕަވައިޒަރަށް ނުވަތަ އެ އޮފީހަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ  މަތީން އޮފީހަށް  އެކަން އެންގުމާއެކު އެދުވަހަކު އެ މުވައްޒަފަކާ ހަވާލުކޮށްފައިވާ ކޮންމެހެން ނިންމަންޖެހޭ މަސައްކަތުގެ މަޢުލޫމާތު ދިނުމުން އެމުވައްޒަފަށް ޢާއިލީ ޒިންމާގެ ޗުއްޓީ ދެވިދާނެއެވެ.  މި ގޮތުން 1 ގަޑި އިރުގެ ތެރޭގައި އޮފީހަށް ނާންގައި ޢާއިލީ ޒިންމާގެ ޗުއްޓީގެ ކަންތައް ފުރިހަމަ ނުކޮށްފިނަމަ މި ގަވާއިދުގައިވާ ގޮތުގެ މަތިން އެމުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅު އަޅަންވާނެއެވެ. އަދި އެދުވަހެއް ބެލެވޭނީ ޣައިރު ހާޒިރީއަކަށެވެ.

2
ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ މުވައްޒަފަކީ، ވަކި ޚާއްޞަ މަސައްކަތެއް ހަވާލުވެފައިވާ މުވައްޒަފެއް ނަމަ އެމުވައްޒަފެއްގެ މަސައްކަތް އެހެން މުވައްޒަފަކާ ހަވާލުކޮށް ހިންގަން ފެށޭހާ ވަގުތު އޮއްވައި، އެމީހެއްގެ ސްޕަވައިޒަރަށް ނުވަތަ އެ އޮފީހަކުން ހަމަޖައްސާފައި އޮންނަ ގޮތެއްގެ މަތީން އެ އޮފީހަކަށް އަންގަންވާނެއެވެ. އަދި އަންގާއިރު އެ މުވައްޒަފާ ހަވާލުވެފައިވާ މަސައްކަތަށް ބުރޫ ނާރައި ހިންގުމަށް އޮފީހުން އިންތިޒާމުތައް ކުރުމަށް ބޭނުންވާ މަޢުލޫމާތު ދީ، އެ ކަމުގައި އެއްބާރުލުން ދޭންވާނެއެވެ.

3
މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން މުވައްޒަފު ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުންނަ ހުރިހާ ދުވަހަކު މި މާއްދާގެ (ނ) ގެ 1 ގައިވާ ގޮތުގެ މަތީން އެކަން އަންގަންވާނެއެވެ.

4
މުއައްޒަފު އޮފީހަށް ހާޒިރުވުމަށްފަހު ޢާއިލާގެ މެމްބަރަކު ބަލިވުން ފަދަ މުވައްޒަފަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން މަސައްކަތްކުރުމަށް އުޒުރުވެރިވެފައި،  އަދި އެދުވަހުގެ މަސައްކަތު ގަޑީގެ ބޮޑުބައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ އެދުވަހަކީ މުވައްޒަފު މަސައްކަތަށް ހާޒިރުވި ދުވަހެއްކަމަށް ބަލައި ދޫކޮށްލެވިދާނެއެވެ.  އަދި މުއައްޒަފު އެ ދުވަހުގެ މަސައްކަތު ގަޑީގެ ކުޑަބައި މަސައްކަތުގައި ހޭދަކޮށްފައި ވާނަމަ  އެދަވަހަކީ  ޢާއިލީ ޒިންމާގެ ޗުއްޓީގެ ދުވަހެއްގެ ގޮތުގައި ބަލައި ޢާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައި ދޭންވާނެއެވެ.

5
ޢާއިލާގެ މެމްބަރަކު ބަލިވުން ފަދަ މުވައްޒަފަކަށް ދިމާވާ މުހިންމު ޒިންމާއަކާ ގުޅިގެން ބަލިވިފަރާތުގެ މަޢުލޫމާތާއި ބަލީގެ ބާވަތާއި އެބަލީގެ މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މިނސްޓްރީ އޮފް ހެލްތް އެންޑް ފެމެލީގައި ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓްފިކެޓް ނުވަތަ ސެޓްފިކެޓް ދޫކުރި ޤައުމެއްގެ ރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަރުކަޒަކުން ޞިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓެއް  އޮފީހަށް ހުށައަޅައިފި ނަމަ ޢާއިލީ ޒިންމާގެ ޗުއްޓީ ކުރިއަށްވެސް ނެގިދާނެއެވެ.
ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ