ސިވިލް
ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާއިރު “އަޞްލާ އެއްގޮތް” ކަމަށް ތައްގަނޑު
ޖަހާފައިވާލިޔުން ހުށަހަޅަން ނުޖޭހޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅައި
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ. މިގޮތަށް ގަވާއިދު
އިސްލާހުކުރެވުނީ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އޭގެ “އަޞްލާ އެއްގޮތް”
ކަމަށް ތައްގަނޑު ޖަހައިފައިވާ ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް ގަވާއިދުގައި
އޮތުމުން، އެކަން އެގޮތަށް ކުރުމަށް ވަޒީފާއަށް އެދޭ ފަރާތްތަކަށް ގިނަގުނަ ދަތި
އުނދަގޫތަކާ ކުރިމަތިލާންޖެހި އަދި އެއްފަހަރާ ގިނަ ލިޔުންތައް އަޞްލާއެއްގޮތް
ކަމަށް ތައްގަނޑު ޖެހުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ފާހަގަ ކުރެވިފައިވާތީ
އެކަމަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.
މިގަވާއިދު
އިސްލާހު ކުރެވިފައިވަނީ 30 ޖެނުއަރީ 2014 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ 1012
ވަނަ ބައްދަލުވުމުން ފާސްކޮށް ގެންނެވެ. މި އިސްލާހުގައިވާގޮތުން ވަޒީފާއަށް އެދި
ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް
އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ
އެކަންޏެވެ. އަދި އެކަން ކަށަވަރު ކުރާނެ ގޮތަކީ، އިންޓަރވިއުއަށް އެމީހަކު
ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް
ކަށަވަރުކޮށް އެ އިދާރާއެއްގެ ވަޒީފާގެ ކަންކަން ބަލަހައްޓާ މުވައްޒަފު ކޮޕީ
ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.





