» , , » ސަރކިއުލަރ 07-2013

ސަރކިއުލަރ 07-2013

ކައުންސިލްގެ އިދާރާތަކުގެ ފައިނޭންސް އޮފިސަރުން ތަމްރީނު ކުރުން

ކައުންސިލްގެ އިދާރާތަކުގެ ފައިސާއާ ބެހޭ މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމަށް، ކުވެއިތު ފަންޑުގެ އެހީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާ ގުޅިގެން ހިންގާ، އެސޯސިއޭޓް އޮފް އެކައުންޓިންގ ޓެކްނީޝަން (އޭ.އޭ.ޓީ) ލެވެލް 2 އަދި 3 ގެ ކޯސްތަކުގައި މިހާތަނަށް މުވައްޒަފުން ބައިވެރިކޮށް ތަމްރީނު ކުރެވިފައި ނުވާ، 120 ކައުންސިލްގެ އިދާރާތަކުން މިއަހަރު ނިމުމުގެ ކުރިން މުވައްޒަފުން އެ ކޯސްތަކުގައި ބައިވެރި ކުރުވައި ތަމްރީނު ކުރެއްވުމަށް ދަންނަވަމެވެ.

2013 ވަނަ އަހަރު ނިމުމުގެ ކުރިން، ފައިސާއާ ބެހޭ މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީއިން އަންގަވާފައި ވުމާއެކު، މި ކޯސްތަކުގައި މުވައްޒަފުން ބައިވެރިކޮށް ތަމްރީނު ކުރުމަށް ކައުންސިލްގެ އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. އަދި ކޯހުގައި ބައިވެރިކުރާނެ މުވައްޒަފު ކަނޑައެޅުމުގައި ތިރީގައި މިދަންނަވާ ގޮތަށް ކައުންސިލްގެ އިދާރާތަކުން އަމަލުކުރެއްވުންވެސް އެދެމެވެ.
1. "ފައިނޭންސް އޮފިސަރުން" ގެ މަގާމުގައި މުވައްޒަފުން ތިބި ކައުންސިލްގެ އިދާރާތަކުން އެ މަގާމުގައި ތިބި މުވައްޒަފުން ކޯހުގައި ބައިވެރިކުރުވުން.
2. "ފައިނޭންސް އޮފިސަރުން" ގެ މަގާމުގައި މުވައްޒަފެއް ނެތް ކައުންސިލްގެ އިދާރާތަކުން، އެ އިދާރާއެއްގައި ފައިސާގެ މަސައްކަތް މިވަގުތު ކުރަމުންދާ މުވައްޒަފު ނުވަތަ އެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ފައިސާއާ ބެހޭ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި މުވައްޒަފެއް، އިދާރާގެ އެތެރޭ އިއުލާނެއްގެ ގޮތުގައި އިއުލާންކޮށް، އެދޭ މުވައްޒަފުންގެ ތެރެއިން، މެރިޓް އުސޫލުން ހޮވައި ކޯހުގައި ބައިވެރިކުރުވުން.
3.  1 ވަނަ އަދި 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުވައްޒަފެއް ކޯހުގައި ބައިވެރި ކުރެވެން ނެތްނަމަ، އާއްމުކޮށް އިއުލާނުކޮށްގެން، އެ ކަމަށް އެދޭ، މަގާމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މެރިޓް އުސޫލުން މީހަކު ހޮވައި، ކޯހުގައި ބައިވެރިކުރުވުން. މިގޮތުން ކޯހުގައި ބައިވެރިކުރެވޭ ފަރާތްތައް، ކޯސް ފުރިހަމަކޮށް ފާސްވުމުން، ކޯހުގައި ބައިވެރިކުރާއިރު އެ މީހަކާއެކު ކުރެވޭ ޚިދުމަތުގެ އެއްބަސްވުމާއެކު، “ފައިނޭންސް އޮފިސަރ” ގެ ވަޒީފާއަށް ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުން.
4.  މި ތަމްރީނަށް ހޮވޭ މުވައްޒަފަކީ، ނުވަތަ ހޮވޭ މީހަކީ، އެހެން ކަމަކަށް ބޮންޑު ކުރެވިފައި އޮތުން ފަދަ ސަބަބަކާ ހުރެ، ނުވަތަ އެ ނޫން ސަބަބަކާ ހުރެ ވިޔަސް، މި ތަމްރީނުކުރެވޭ މަސައްކަތް ކުރުމަށް ހުރަސް އެޅޭ ފަދަ ސަބަބެއް އޮތް މުވައްޒަފަކަށް ވެގެން ނުވާނެއެވެ.
އިދާރާގެ މުވައްޒަފުންގެ ތެރެއިން، މި ތަމްރީނު ފުރިހަމަ ކުރެއްވުމަށް ފޮނުއްވާ މުވައްޒަފުން ފޮނުއްވާނީ، ވަޒީފާގައި ތިއްބަވައިގެން އެ ކަމަށް ދޫކުރައްވާ ދޫކުރެއްވުމެއްގެ ގޮތުގައެވެ. އަދި އެ މުވައްޒަފުން އެ ތަމްރީނުގައި ތިއްބަވާއިރު، އެ ތަމްރީނުގެ މުއްދަތުގައި، މުސާރައާއި ސަރވިސް އެލެވަންސް ލިބޭނެއެވެ. ކޯސް ފުރިހަމަކޮށް ފާސްވުމުން، މިހާރު ހުރި މަގާމަކަށްވުރެ މަތީ މަގާމަކަށް ޝަރުތު ހަމަވާ މުވައްޒަފުން، އެ މަގާމަކީ އޮނިގަނޑުގައި އޮތް މަގާމެއް ނަމަ، އެ މަގާމަކަށް ބަދަލުކޮށް ދިނުމަށް ކޮމިޝަނުން ނިންމަވާފައިވާ ވާހަކައާއި، އަދި އެ ފަދަ މުވައްޒަފުން ގެ މައްސަލަ، ކޯސް ނިމުމުން، ލަސްނުކުރައްވައި ކޮމިޝަނަށް ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.




ޙިއްސާކުރައްވާ
x

© 2013. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ